މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލަރު އާދަމް ފާއިޒް، އެމްއެންބީސީއަށް ދެއްވި ބަސްދީގަތުމެއްގައި ވެލިދޫ ޑީއާރުޕީ ގޮފީގެ ރައީސް މުހައްމަދު އައްބާސްގެ އަބުރަށް ހުތުރުވާގޮތަށް ވާހަކަފުޅުދައްކަވާފައިވާކަމަށްބުނެ، އޭނާއާއި ދެކޮޅަށް އަބުރުގެ ދައުވާކުރަން ނިންމާފައިވާކަމަށް މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
ނ. ވެލިދޫ ޑީއާރުޕީ ގޮފީގެ ރައީސް މުހައްމަދު އައްބާސް މިއަދު ނޫހަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ހުސްވި ސެޕްޓެމްބަރ 8 ވަނަދުވަހު ބަނގުރާފުޅިތަކަކާއިއެކު، ވެލިދޫ ޑީއާރުޕީ ގޮފީގެ ރައީސް ފުލުހުން ހައްޔަރުކޮށްފިކަމަށްވިދާޅުވެ، ދައުލަތުގެ މީޑިޔާ ބޭނުންކުރައްވައިގެން ކައުންސިލަރު އާދަމް ފާއިޒް ރައްޔިތުންނަށް ދޮގު މައުލޫމާތު ފޯރުކޮށްދެއްވާފައިވާތީ، އޭނާއާއި ދެކޮޅަށް އަބުރުގެ ދައުވާކުރަން މިހާރު ނިންމާފައިވާކަމަށެވެ.
އަދި މިފަދަ ވާހަކަތަކެއް ދެއްކެވީ އޭނާގެ އަގުވައްޓާލުމުގެ ގޮތުންކަމަށާއި، މިއީ ސަރުކާރާއި އެމް.ޑީ.ޕީ އަށް ނިސްބަތްވާ އެކި ފަރާތްތަކުގެ ހީލަތްތެރި ރޭވުމަކުން ހިންގި ފިނޑި އަމަލެއްކަމަށް މުހައްމަދު ވިދާޅުވިއެވެ.
މީގެއިތުރުން މިއީ ކުރިއަށް އޮތް ލޯކަލްކައުންސިލްގެ އިންތިޚާބު ޑީއާރުޕީން ކާމިޔާބުކުރާނެކަމުގެ ޔަގީންކަން އެމްޑީޕީއަށް ލިބިފައިވާތީ، ވެލިދޫ ޑީއާރުޕީ ގޮތްޕަށް ގޮންޖެހުމުގެ ގޮތުން ހިންގި އަމަލެއްކަމަށް މުހައްމަދު ވިދާޅުވިއެވެ.
އަދި މިމައްސަލައިގައި އޭނާ ފުލުހުންގެ ބެލުމުގެދަށުގައި 9 ގަޑިއިރު، އިންނަވަން ޖެހުނުކަމަށާއި، އޭގެ ސަބަބުން އޭނާގެ އަބުރަށް ގެއްލުންވެފައިވާތީ، އާދަމް ފާއިޒްއާއި ދެކޮޅަށް އަބުރުގެ ދައުވާކުރުމަށް ނިންމާ، މައްސަލަ ވަރަށް އަވަހަށް ކޯޓަށް ހުށަހަޅާނެކަމަށްވެސް މުހައްމަދު ވިދާޅުވިއެވެ.
އެމްއެންބީސީއަށް ވެލިދޫކައުންސިލަރު އާދަމް ފާއިޒް ދެއްވި ބަސްދީގަތުމާއި ގުޅިގެން ވެލިދޫ ޑީއާރުޕީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޤާނޫނު އަސާސީއައި ޚިލާފަށް ސަރުކާރުން ހިޞާރުކޮށްގެން އެމް.އެން.ބީ.ސީ އިން ހިންގަމުންދާ ދައުލަތުގެ މީޑިއާ މެދުވެރިކޮށް ވެލިދޫ ކައުންސިލަރު ޢާދަމް ފާއިޒް ދިން ބަސްދީގަތުމެއްގައި ރާފުޅިތަކަކާއެކުޑީއާރުޕީ ވެލިދޫ ގޮފީގެ ރައީސް މުޙައްމަދު ޢައްބާސް ވަނީ ހައްޔަރުކުރެވިފައި” ކަމަށް ބުނެ، ދިވެހި ރައްޔިތުންގެ ކުރިމަތީގައި މުޙައްމަދު ޢައްބާސްގެ އަގު ވައްޓާލަން މަސައްކަތްކޮށް، އޭނާގެ އަބުރަށް އަރައިގެން މައްސަލައިގައި މި ޢާދަމް ފާއިޒްގެ މައްޗަށް ދައުވާކުރުމަށް ޑީ.ރާ.ޕީ ވެލިދޫ ގޮފިން މިގެންދަނީ ޤާނޫނީ މާހިރުންގެ ލަފާ ހޯދަމުންދާކަމަށެވެ.
އެމް.ޑީ.ޕީ އިން ހިންގި މިޢަމަލުގެ ސަބަބުން މުޙައްމަދު ޢައްބާސް އާއި އަދި ހުރިހާ މެމްބަރުންވެސް ކުރިޔަށް މިއޮތް އިންތިޚާބާ ބައްދަލުކުރާނީ އިތުރު ހިތްވަރާއި ޖޯޝާއެކުގަކަމަށާއި، އަދި ވެލިދޫ ރައްޔިތުންގެ އިޙްސާސްތައް ދަންނަ، ވެލިދޫއަށް ކުރިއެރުމާއި މަންފާ ހޯދާދެވޭނެ މެމްބަރުންތަކެއް ކައުންސިލަށް އިންތިޚާބުކޮށް، ވެލިދޫއިން އެމް.ޑީ.ޕީގެ ވަސް އަބަދަށް ފުހެލުމަށް ވެލިދޫ ޑީއާރުޕީ ގޮފިން އާރޫޙަކާއިއެކު މަސައްކަތްކުރުމަށް ކަމަރު ބަނދެ ތައްޔާރަށް ތިބިކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ.

0 comments