بسم الله الرحمن الرحيم
އެމްޓޫ އިންވެސްޓްމަންޓް
ނ.ލަންދޫ އޮއިވަރު
ލަންދޫ، ދިވެހިރާއްޖެ
ނަންބަރު: 01/2010/M2
ނޫސްބަޔާން
ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ގެންނަން ނިންމާފައިވާ ބަދަލުތަކާއިބެހޭ:
اَلْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ، وَالْعَاقِبَةُ لِلْمُتَّقِينَ ، وَلاَعُدْوَانَ إِلاَّ عَلَى الظَّالِمِينَ ، وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ أَجْمَعِينَ ، وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ ، وَبَعْدُ !
އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ ހުރިހައި ސްކޫލެއްގައި ދެ ޖިންސް އެއްކޮށްގެން ކިޔަވާ ދިނުމަށާއި ބޮޑެތިކުދިން ކިޔަވަމުންދާ ސްކޫލްތަކަށް ތުއްތު ކުދިން ކިޔަވަން ފޮނުވަންޖެހޭގޮތަށް ނިންމާފައިވާ ނިންމުމާއިމެދު ކަންބޮޑުވަނީ ހަމައެކަނި އެމްޓޫ އިންވެސްޓްމަންޓަކުން ނޫނެވެ. އެއީ ކޮންމެ ދިވެހި މަންމަޔަކާއި ބައްޕަޔަކުވެސް އަދި ކޮންމެ ބެލެނިވެރިޔަކުވެސް ކަންބޮޑުވާނޭ ކަމެކެވެ. މިއުސޫލަށް ރާއްޖޭގެ ހުރިހައި ސްކޫލްތަކެއް ބަދަލު ކޮށްލުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ދައްކަވާ ބަހަނާ ތަކަކީ އެއްގޮތަކަށްވެސް ބުއްދި ގަބޫލުކުރާނޭ ބަހަނާ ތަކެއްނޫނެވެ. މީގެ ފައިދާ އެއް ކަމުގައި އެބޭފުޅުން ވިދާޅުވަމުންގެންދަވަނީ މިހެން ހެދުމުން ކުދީންގެ ކިޔެވުމާއި އަޚުލާގީ ފެންވަރު ރަގަޅު ވާނެ ކަމަށެވެ. ނަމަވެސް މިއީ ޙަގީގަތެއް ނޫންކަން ކޮންމެ މަންމަޔަކާއި ބައްޕަޔަކަށް އެގޭނެއެވެ.
ކޯއެޑިއުކޭޝަން ނުވަތަ ދެޖިންސު އެއްކޮށްގެން ކިޔަވައިދިނުމުގެ އުސޫލަކީ މި ޤަރުނުގެ ކުރީކޮޅުގައި ހުޅަނގުގެ ޤައުމުތަކުގައި ތަޢާރަފްކޮށް އަދި އިސްތިޢުމާރީ ބާރުތަކުން އިސްލާމީ ގައުމުތަކުގައި ފަތުރާފައިވާ އުސޫލެކެވެ. އެއީ އިސްލާމް ދީނުގައި ނުހަނު ބޮޑަށް ބާރު އަޅުއްވާފައިވާ ދެޖިންސް މަސްހުނި ނުވުމުގެ އުސޫލާއި ފުށުއަރާ އަދި އިސްލާމީ ސަގާފަތާއި ބީރައްޓެހި އުސޫލެކެވެ. އަދި މިކަމަކީ މިކަމުން ކޮށްފާނޭ ފައިދާޔަކަށްވުރެ މާބޮޑެތި ގެއްލުންތަކެއް އޭގެ ފަހަތުން ތަރުތީބުވެގެން އަންނަ ކަމެއްކަން މިޒަމާނުގެ ސައިންޓިފިކް ދިރާސާ ތަކުން ސާބިތު ވެފައިވާ ކަމެކެވެ. ތަޢުލީމީ ދާއިރާގެ ފުންނާބުއުސް އެދުރުންނާއި ނަފްސާނީ ޢިލްމުގެ މާހިރުން ކޮށްފައިވާ އެކިއެކި ދިރާސާ ތަކުން ހޯދިފައިވާ ގެއްލުން ތަކުގެ ލިސްޓުގައި ހިމެނޭ ބައެއް ކަންތަކުގެ ތެރޭގައި:
- ލަންދޫ ސުކޫލްގެ ކުރީގެ ހީވާގި ޓީޗަރ އަދި މިހާރުގެ ސުކޫލުގެ ހެޑް އަލްއަޚް މުހައްމަދު އިބްރާހިމް ހާމަކުރައްވާގޮތުގައި ދެޖިންސް އެކުގައި ކިޔަވާދޭ މާޙަވްލުގައި އުޅޭ ކުދިން އެހެން ކުދިންނަށްވުރެ އަވަހަށް ބާލިޣު ވެއެވެ. ޖިންސީ ހޯރމޯން ކަމުގައިވާ ޓެސްޓެސްޓެރޯން އެހެންކުދީންނަށްވުރެ 20 ގުނަ އިތުރަށް ފިރިހެންކުދީންގެ ހަށިގަނޑުގައި އުފެދެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ފިރިހެން ކުދީން އުޅެން ޖެހެނީ ޖިންސީ ހަލަބޮލިކަމެއްގެ ތެރޭގައެވެ. ހަމަމިގޮތަށް ކޯއެޑިއުކޭޝަން އުސޫލުން ކިޔަވާ އަންހެންކުދީންގެ ސެކްސް ހޯރމޯން ގެ މިންވަރު މައްޗަށް ދިއުމުގެ ނަތީޖާ އެއްގެ ގޮތުން ވަރުބަލިވުމާއި ޑިޕްރެޝަން ފަދަ ކަންކަން ދިމާވެއެވެ. އަދި ކުދީންގެ ގިނަ ވަގުތު ތަކާއި، ވިސްނުމާއި ސަމާލުކަން ހޭދަ ވެގެން ދަނީ ކިޔެވުމަށްވުރެ ބޮޑަށް އަނެއް ޖިންސްގެ ކުދީންނާއި ދިމާލަށެވެ.
- ދެ ޖިންސްގައި ލައްވާފައިވާ ޠަބީޢީ އަދި ނަފްސާނީ ތަފާތު ތަކުގެ ސަބަބުން ދެޖިންސްގެ ކުދީން ދަސްކުރާގޮތް ތަފާތެވެ. ސައިންޓިފިކް ދިރާސާ ތައް ދައްކާގޮތުން އަންހެން ކުދީންނަށް ބޭނުންވަނީ ފިރިހެން ކުދިންނަށް ބޭނުންވާ ވަރަށްވުރެ މަޑުމައިތިރި، އޯގާތެރި މާޙަވްލެކެވެ. އެއް ޢުމުރެއްގެ ފިރިހެން ކުދީނަށްވުރެ އަންހެންކުދީންެގެ އަޑުއެހުމުގެ ޙިއްސު ހަތަރު ގުނަ ބާރުގަދައެވެ. ވީމާ އަންހެން ކުދީންގެ ކިޔަވާ މާޙަވްލު ހަމަހިމޭން ވާންޖެހެއެވެ. ލޭންގުއޭޖް ނުވަތަ ބަސް ދަސްކުރުމުގެ ބާރު އަންހެން ކުދީންގެ ސިކުނޑީގައި އެއްޢުމުރުގެ ފިރިހެން ކުދީނަށްވުރެ 6 އަހަރު ދޮށި ކަމުގައި ދިރާސާ ތަކުން ދައްކައެވެ.
- ކުޑަކުދީންނަށް ދިމާވާ ނަފްސާނީ އެތައް މަސްއަލަތަކެއްގެ އެއްސަބަބެއް ކަމުގައި ދެޖިންސް މަސްހުނި ކޮށް ކިޔަވާ ދިނުން ހިމެނެއެވެ. މީގެ ތެރޭގައި ހިމެނޭ އެއްކަމަކީ ކަންކަމަށް ސަމާލުކަން ދޭމިންވަރު ދަށްވެ އުޅުން ހަލަބޮލިވާ ބަލި ނުވަތަ “އެޓެންޝަން ޑެފިސިޓް ޑިސްއޯރޑަރ” (އޭ.ޑީ.ޑީ) އެވެ. ކޯއެޑިއުކޭޝަން އެންމެ ބޮޑަށް ފެތުރިފައިވާ އެމެރިކާގެ ބައެއް ހިސާބުތަކުގެ 25 އިންސައްތަޔާއި 50 އިންސައްތަޔާއި ދެމެދުގެ ކުދީންނަކީ މިބައްޔަށް ބޭސް ކާންޖެހިފައިވާ ކުދީންނެވެ. މީގެ އެންމެ މުހިންމު ސަބަބަކީ އެކުދީން ކިޔަވާ ކޯއެޑިއުކޭޝަންގެ މާޙައުލުކަމުގައި ނަފްސާނީ ޢިލްމުވެރީން އެއްބަސްވެ ލައްވައެވެ.
- އެކިއެކި ގައުމު ތަކުގައި ކުރެވިފައިވާ އިތުބާރު ހުރި ސައިންޓިފިކް ދިރާސާ ތަކުން ސާބިތުވާ ގޮތުގައި ،ކިޔަވައިދޭ ފެންވަރާއި ގޮތް ރަނގަޅު، އެއްޖިންސްގެ ކުދީން ކިޔަވާ ސްކޫލް ތަކުގެ ދަރިވަރުންގެ ކިއެވުމަށް ދޭ ސަމާލު ކަމާއި ނަތީޖާ ރަގަޅެވެ. މިކަމަކީ ކެރީބިއަން ގެ ގައުމު ތަކާއި، ކެނެޑާ އަދި އޮސްޓްރޭލިއާ އަދި އިގިރޭސި ވިލާތުގައި ކުރެވިފައިވާ އެތައް ދިރާސާ އަކުން ސާބިތުވާ ކަމެކެވެ.
ދެ ޖިންސު އެއްކޮށް ކިޔަވާ ދިނުމުގެ އުސޫލަކީ މިފަދަ ފާޅުކަންބޮޑުގޮތުގައި ހުޅަނގުގެ ޤައުމު ތަކުގައި ޓެސްޓު ކުރެވި ފޭލް ވެފައިވާ އުސޫލަކަށްވެފައި، އަދި އެކަމަކީ މާތް ވެގެންވާ އިސްލާމް ދީނުގެ ޡަޤާފަތާއި ފުށުއަރާ ކަމަކަށްވާ އިރުވެސް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މި އުސޫލު ރާއްޖޭގައި އަލުން ދިރުވައި އާލާ ކުރަން ކުރާމަސައްކަތަކީ ޙައިރާންވާން ޖެހޭ ކަމެކެވެ. އެބޭފުޅުން ދައްކަވާ ބަހަނާއަކީ މިހާރުވެސް ކިޔަވާ ދެނީ މިއުސޫލުން ކަމަށްވާއިރު ބާކީ ހުރި ދެތިން ތަނުގައިވެސް މިކަން ނުކުރަންވީ ކީއްވެ ހެއްޔެވެ؟ ގިނަ ތަންތަނުގައި ނުރަގަޅު ގޮތަށް ކަންތައް ހުރުމަކީ ބާކީ ހުރި ތަންތަނަށްވެސް އެގޮތް ތަޢާރަފް ކުރުމަށް އޮތް ޢުޛުރެއް ނޫނެވެ. ނުރަނގަޅުގޮތަށްހުރި ކަންތައްތައް ރަނގަޅުކުރުމުގެ ބަދަލުގައި އިތުރަށް ގޯސްކުރަން މައްސައްކަތް ނުކުރުމަށް ތަޢްލީމީ ވުޒާރާއަށް އިލްތިމާސް ކުރަމެވެ. އަޙުމަދިއްޔާ ސްކޫލްގެ ނަތީޖާ ރަނގަޅުވަނީ ކޯ އެޑިއުކޭޝަން އުސޫލަށް ތަބާވާތީ ކަމުގައި މީގެ ބައެއް ބޭފުޅުން ވިދާޅުވެއެވެ. ނަމަވެސް ޙަގީގަތަކީ އެސްކޫލުގައި ދެޖިންސްގެ ކުދީން ކިޔަވަމުން ދަނީ މުޅީން ވަކި ކްލާސް ތަކެއްގައެވެ. އަދި ދެ ޖިންސްގެ ކުދީން ވަދެ ނިކުމެ ހަދާ ދޮރޯށިވެސް ވަނީ ވަކި ކުރެވިފައެވެ.
ދިވެހި ރާއްޖޭގެ ކިޔަވާކުދީންގެ އަޚުލާގީ ފެންވަރު ވަނީ ނިހާޔަތަށް ދަށަށް ގޮސްފައެވެ. ކިޔަވާ ކުދީންގެ ތެރޭގައި ބަދު އަޚުލާގީ ޢަމަލު ތައް އިންތިހާޔަށް އިތުރުވެފައިކަން ދާދި ފަހުން ކުރެވުނު ދިރާސާ ޔަކުން ދައްކާފައި ވެއެވެ.
އަދި ހަމައެއާއެކު ބޮޑެތި ކުދިން ކިޔަވަމުންދާ ސްކޫލްތަކަކަށް ތުއްތު ކުދިން ކިޔަވަން ގެންދިޔުމުން ކުރިމަތި ނުވެނުދާނޭ ނުރަނގަޅު އެތައްކަމެއް އެބަހުރިކަން ފާހަގަކޮށްލަމެވެ. މީގެ ތެރޭގައި ކުޑަކުދިންނަށް ނަފްސާނީ ގޮތުން ކުރިމަތިނުވެނުދާނޭ ގޮންޖެހުންތަކާއި އެކުދިންގެ އަޚްލާޤަށް ކުރިމަތިނުވެނުދާނޭ ނޭދެވޭ އަސަރުތައް ހިމެނޭކަމަށް ފުންނާބު އުސް ނަފްސާނީ މާހިރުން ހާމަކުރެއެވެ.
ކިޔަވާ ކުދިންގެ އަޚްލާޤީ ފެންވަރު ރަނގަޅުކުރުމަށާއި އެކުދިންގެ ތަޢުލީމީ ނަތީޖާ މަތިކުރުމަށް އިޚްލާސްތެރިކަމާއެކު މަސައްކަތްކުރަން ބޭނުންވާކަމުގައިވާނަމަ އަޅަންޖެހޭ ފިޔަވަޅުތައް ވަރަށް ސާފުކޮށް އެނގެން އެބަހުއްޓެވެ. މީގެ ތެރޭގައި ތަޢުލީމީ ނިޒާމުގެ ތެރެއިން އަޙްލާޤަށް ވަކިން ޚާއްސަ ސަމާލުކަމެއް ދިނުމުގެ ގޮތުން، އަޚްލާޤު (ނުވަތަ ޑިސިޕްލީން) ކިޔަވައިދީ، އަޚްލާޤު އެންމެ ރަގަޅު ކުދިންނަށް އެވޯޑު ދިނުމާއި، އިސްލާމްދީނުގައި ކިޔެވުމަށާއި އަޚްލާޤަށް ދީފައިވާ އަހަންމިއްޔަތުކަން ދަރިވަރުންނަށް ދަސްކޮށްދިނުމާއި، ކުދީންގެ އީމާންތެރިކަން އިތުރުކުރުވުމަށް އެެެހީތެރިވުމުގެ ގޮތުން އެކި ޕްރޮގްރާމްތައް ހިންގުމާއި މިފަދަ އެތައްކަމެއް ހިމެނެއެވެ. އަދި ބެލެނިވެރިންނާއި ސަރުކާރުންނާއި މުޅި މުޖުތަމަޢުން ކިޔަވާކުދިންގެ އަޚްލާޤަށް ޚާއްސަ ސަމާލުކަމެއްދީ، އެގޮތުގެ މަތިން މަސައްކަތްކުރުން މުހިއްމެވެ. ކުދިންގެ ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ކުރަން އެންމެ މުހިއްމު ކަންތައްތަކުގެ ތެރޭގައި ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅު ކުރުމާއި ކިޔަވައިދޭ ގޮތް ރަނގަޅުކުރުމާއި ޓީޗަރުންގެ ފެންވަރު ރަނގަޅުކުރުމާއި ސްކޫލްތަކުގެ ހިންގުން ހަރުދަނާކުރުން ހިމެނެއެވެ.
ުިމިފަދަ އެއްވެސް ކަމަކަށް އަހަންމިއްޔަތުކަން ނުދީ، އިސްލާމް ދިވެހި ދެމާއްދާ މަތީ ސާނަވީ ކްލާސް ތަކުގައި އިޚުތިޔާރު ކުރުމަށް އުޅު
މިފަދަ އެންމެހައި ކަންކަމާއިމެދު ސަމާލުވެ ތިއްބެވުމަށާއި، ދިވެހި ރާއްޖޭގެ ދީނާއި ވަޠަނިއްޔަތާއި ޤައުމުގެ މުސްތަޤްބަލުގެ ޙައްގުގައި މިފަދަ އެންމެހައި ކަންތައްތަކާއި ދެކޮޅަށް އިހުތިޖާޖު ކުރެއްވުމަށް އެންމެހައި ލޮބުވެތި މައިންބަފައިންނާއި ބެލެނިވެރީންނަށް ގޮވާލަމެވެ.
ސަލީމް ހުސައިން
އެމް.ޓޫ އިންވެސްޓްމަންޓް 05 އޮކްޓޯބަރ 2010