ކަނޑް މަޑް ސާފް ދުވަހެކެވެ. އަހަރުމެންގެ މިސްރާބަކީ، ކުރިމަތިން ފެންނަ ފަޅުރަށެވެ. އެއް މަގްސަދަކީ ވެލާބިސް ނެގުމެވެ. ބިސްއެޅުމަށްޓަކައި، އެ މޫސުމުގައި ވަރަށް ބައިވަރު ވެލާ އެ ރަށަށް އަރާކަން އަހަރުމެންނަށް އެނގެ އެވެ. އެއްބައި ކައިފައި އަނެއްބައި ވިއްކާލަން މާލެ އަށް ފޮނުވާލިއަސް ކޮންމެ ވެސް އެއްޗެއް ލިބޭނެ އެވެ. އަހަރުމެންގެ އެންމެ މުހިންމު މަގްސަދަކީ މަޖާކުރުމެވެ
ދަތުރު ރޭވިފައޮތްގޮތުން، އެންމެ ފުރަތަމަ ގޮސް އަހަރުމެން މަސައްކަތް ކުރާނީ މަސްހިފޭތޯ އެވެ. އިރުއޮއްސުމުން މަސްފިހާނީ އެވެ. ބިސްނަގަން ދާނީ ދަންވަރު އެވެ. އެނބުރި ރަށަށް ދާނީ ފަތިހު އެވެ. ރަށާއި ފަޅުރަށާ އެހާ ކައިރިއެއް ނޫނެވެ. އެހާ ދުރެއް ވެސް ނޫނެވެ. ރަށަށް ޑިންގީ ބީއްސާލުމުގެ ކުރިން އަހަރެން ފުންމާލީމެވެ. އަދި ހަޅޭއްލަވަމުން ރަށުތެރެއަށް އަރައިގެން ދިޔައީމެވެ. ފަސްއެނބުރި ބަލައިލިއިރު އެހެން މީހުން ޑިންގީއިން އެއްޗިހި ބާލަނީ އެވެ. އަހަރެން ގަސްތަކުގެތެރެއަށް ވަނީމެވެ.
"އޭތް!" މީހަކު ހަޅޭއްލަވައިގަތް އަޑު އަހަންނަށް އިވުނެވެ. "ކޮން ހަޅޭކެއް؟"
ކުއްލިއަކަށް އަހަރެން ހުއްޓުނީމެވެ. އެއީ އަހަންނަށް ހީވިގޮތް ހެއްޔެވެ؟ އެ ފަޅުރަށުގައި އެހެން މީހަކު ނޫޅޭނެ އެވެ. އެއްޗެއް ނުބުނެ ކިތަންމެއިރަކު އަހަރެން ހުރީމެވެ. އެއްވެސް އަޑެއްބަޑެއް ނީވުނެވެ. އެ ހިސާބުން އަހަރެން ނިންމީ އެއީ ހީއެއްކަމަށެވެ. ނުފެންނަ މަޚްލޫގުން އުޅޭކަމާއި، ބައެއްފަހަރު އެ މީހުންނާއި އަހަރުމެންނަށް އެއް މަގަކަށް ނުކުމެވޭކަން އެއީ ހަގީގަތެކެވެ. އެހެންވިޔަސް، އަހަރެން އެކަން ހަނދާންނައްތާލީމެވެ

