ނ. ލަންދޫ ހިތްފަސޭހަގޭ ޝިފާޢު އިސްމާޢީލްގެ މަރުގެ މައްސަލާގައި ދައުލަތުން ދަޢުވާކުރި މާލޭ / ގ. މަސްއޮޑިގެ އިޙްސާނުއްދީން ރަޝީދުއާއި، ގއ. ވިލިގިލި / ވަސްމީރުމާގެ މުޙައްމަދު ވަސީމާއި މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު (4126) މުސްތަފާ މުސާއި މިތިންމީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ޖިނާއީ ކޯޓުން ޙުކުމްކޮށްފިއެވެ.
ްއޭޕްރީލް 4 2010 ދުވަހުގެރޭ ދަށްވަރު މިތިންމީހުން ނ. ލަންދޫ ހިތްފަސޭހަގެ ޝިފާޢު އިސްމާޢީލްގެ ފަހަތުން ދުވެފައިގޮސް ޝިފާޢު އިސްމާޢީލް ގ. ގަލޮޅުއާގެ ތިންވަނަ ބުރިއަށް އެރުމުން މިތިން މީހުންގޮސް އެގޭ ތިންވަނަ ބުރިއަށް އަރައި ޝިފާޢު އިސްމާޢީލްގެ ގައިގައި ތަޅާ އަނިޔާކުރުމުގެ ސަބަބުން. ޝިފާޢު އިސްމާއީލް ނިޔާވެފައިވާތީ، އިޙްސާނުއްދީން ރަޝީދުއާއި، މުޙައްމަދު ވަސީމްއާއި މުޞްތަފާ މޫސާގެ މައްޗަށް ދައުލަތުން ކުރެއްވި ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާއަށް މިތިންމީހުން އިންކާރުކޮށްފައިވާތީއާއި، މިތިންމީހުން އެފަދަ ޢަމަލެއް ހިންގިކަން ޘާބިތުވާވަރުގެ ހެކި ލިބިފައިނުވާތީ ދައުލަތުން މިތިންމީހުންގެ މައްޗަށް ކުރެއްވި ދަޢުވާ ސާބިތު ނުވާކަމަށް މިމައްސަލާގެ ޙުކުމްކުރައްވަމުން ޤާޟީ ވިދާޅުވެފައިވެއެވެ.
މިމައްސަލަ ޘާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ތިން ހެކިންގެ ތެރެއިން އެކަކު ޝަރީޢަތުގައި ބުނެފައިވަނީ މިމައްސަލާއާއި ގުޅިގެން ޙާދިސާ ހިނގިތާ ތިންމަސްފަހުން އޭނާ ފުލުސް އޮފީހަށް ގެންގޮސް ސުވާލުކޮށް ހަދާފައިވާކަމަށާއި. އެކުއްކާ ގައިގައި ބަޔަކު ތެޅިކަން ވަރަށް ދުރުން އޭނާއަށް ފެނިފައިވާކަމަށާއި ނަމަވެސް. ތެޅީ ކޮން ބައެއް ކަމެއް އޭނާއަށް ނޭނގޭކަމަށާއި، އެކިބަސްދޭން މިތަނަށް މިތެދުވީﷲ ގަންދީ ހުވާކޮށްފައި ކަމަށާއި އޭނާއަށް ނޭނގޭކަމެއްގެ ވާހަކަ ނުބުނެވޭނެކަމަށާއި، ޝަރީޢަތުގައި މިތިބި ތިންމީހުންގެ ތެރޭގައި ޝިފާއު އިސްމާއީލުގެ ގައިގައި ތަޅާ އަނިޔާކުރި މީހަކު އިންކަން އޭނާއަށް ނޭނގޭކަމަށާއި އެރޭ އެތަނުން ފެނުނު މީހުން ވަކިނުވާ ވާހަކަ އެދުވަހުވެސް ބުނެފައިވާނެކަމަށެވެ.
ހެކިންގެތެރެއިން ޙާޟިރުކުރެވުނު ދެވަނަ މީހާ މިމައްސަލާގައި ހެކިބަސްދެމުން ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވަނީ ޝިފާޢު އިސްމާއިލްގެ ގައިގައި ބަޔަކު ތެޅިކަން އެނާއަށް ފެނިފައިވާކަމަށާއި، ނަމަވެސް ތެޅީ ކޮންބައެއް ކަމެއް އޭނާއަށް ނޭނގޭކަމަށާއި ޝިފާޢު އިސްމާޢިލްގެ ފަހަތުން ދެމީހަކު ނުވަތަ ތިންމީހަކު މައްޗަށް އެރިކަމަށާއި އެއީ ކޮންބައެއް ކަމެއް ނޭނގޭކަމަށާއި، ތަޙްޤީޤް ބަޔާނުގައި އެއީ ކޮންބައެއްކަން ބުނެފައިވާ ސަބަބަކީ ތަޙްޤީޤްކުރި ފަރާތުން ފޮޓޯއެއް ދައްކާފައި މިއީ އިޙްޞާންއޭ މިއީ މުޞްތަފާއޭ ބުނެފައިވާކަމަށާއި އޭރު އެއީ ކޮންބައެއް ކަމެއް އެއްގޮތަކަށްވެސް ނޭނގޭކަމަށާއި އަދި މިހާރުވެސް އެއީ އިޙްޞާންކަމެއް މުޞްތަފާކަމެއް ކަނޑައެޅިގެން ބުނަން ނޭގޭކަމަށެވެ.
ހެކިންގެ ތެރެއިން ޙާޟިރުކުރެވުނު ތިންވަނަ މީހާ މިމައްސަލާގައި ހެކިބަސްދެމުން ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނީ މިޙާދިސާ ހިނގިއިރު މިނާހުރި އޮލިމްޕަސް ކަރީގައި ހުންނަ އޭ.ޓީ. އެމް މެޝިން ހުރިތާ މަޖީދީމަގުގެ ކަންމައްޗަށްވާ ގޮތަށް ކަމަށާއި، އެތަނުގައި ޓްރެފިކް ލައިޓް ޖެހިގެން މަޑުކޮށްލައިގެން ހުއްޓާ އޭނާއަށް ފެނުނީ ބޮޑު ގުރޫޕެއްގެ ފަހަތުން ބަޔަކު ދުވެފައި ދިޔަތަންކަމަށާއި އޭގެ ތެރެއިން ކުއްޖަކު ސިޑިން މައްޗަށް އަރިނިކޮށް އޭނާއަށް ފެނިފައިވާކަމަށާއި އޭރު އެއީ ޝިފާއު އިސްމާޢިލްކަމެއް ނޭނގޭ ކަމަށާއި، އޭނާއަށް ހީވާގޮތުން ތިންމީހެއް މައްޗަށް އެރި ކަމަށާއި އޭގެ ތެރޭގައި މުސްތަފާ މޫސާއާއި ދިގުކޮށް ބިޔަކޮށް ހުރި މީހަކު ހުރިކަމަށާއި،އ ެއެންމެވެސް ޝިފާޢު އިސްމާއީލްއަށް ހަމަލާދިން ކަމަށާއި، އެކަމަކު އެއީ ބެލްކަންޏަކަށްވާތީ، ތީރިގައި ތިބިއިރު އެހާ ރީއްޗަށް ނުފެންނަ ކަމަށާއި، ސިޑިން މީހުންތައް ފައިބައިގެން އައި ވަގުތު އޭގެތެރޭގައި އޭނާ ދަންނަ ބަޔަކު ތިބީ މުސްތަފާ މުސާއާއި ވަސީމް އިބްރާހިމް ކަމަށާއި ތަޙްޤީގުގައި އިޙްސާނުއްދީން ރަޝީދުކަމަށް ބުނެފައެވަނީ ތަޙްޤީގުން ފޮޓޯ ދެއްކުމުން ވައްތަރުހެން ހީވެގެންކަމަށާއި، އެރޭ އެތަނުން އެރީ އިޙްޞާނުއްދީންކަން ނޭނގޭކަމަށާއި، ކުރިމަތިން ފެނުނުއިރު ވައްތަރީ ސައިޒާއި އިސްކޮޅު ކަމަށާއި އެއީ އިޙްސާނުއްދީނުކަން ޔަޤީންނުވާކަމަށެވެ. މީގެ އިތުރަށް މިމައްސަލާގައި އިތުރުހެއްކެއް ދައުލަތުން ހުށަހަޅާފައި ނުވާކަމަށްވެސް މައްސަލަ ނިންމަވަމުން ޤާޟީން ފާހަގަކުރައްވާފައިވެއެވެ.
0 comments